އައްސޭރި
- Mariyam Rasheedha

- Oct 16
- 2 min read

ޖޯލިފަތީގައި އޮތް ފަޒީނާ ސިހިގެން ދިޔައީ މީހަކު ވަރަށް ގާތުން ގޮވާލުމުންނެވެ ލޯހުޅުވާލާ ބަލާލި ވަގުތު ކުރިމަތީގައި ހުރި އާމިރާ ފެނުމުން ފަޒީނާ ހިނިތުންވެލިއެވެ.
ނިދަނީތަ؟ ޖެހިގެންހުރި ޖޯލީގައި އިށީންނަމުން އާމިރާ އަހާލިއެވެ.
އުހުނ ހޫނުވާތީ ސިނާންގޮވައިގެން ިކުމެލީ.... ދުރުގައި ދެފައި ވައްކޮއްލައިގެން ހިރަފުހާ ތަތްތެޅިފައި އިން 3އަހަރަށް ދާ ސިނާން ދައްކާލަމުން ފަޒީނާ ބުނެލިއެވެ.
އިރިކޮޅަކު ފައިގެބޮޑުވާ އިނގިލން ފަސްކޮންނަން އިނދެފައި އާމިރާ ފަޒީނާއަށް ބަލާލިއެވެ. އަމްޖަދު މާލެއިން އަތުވެއްޖެދޯ..... ދުރު ބަލާލަމުން އާމިރާ ބުނެލިއެވެ. ފަޒީނާގެ މޫނުމަތީގައި ހުރި އުފާވެރިކަމާއި ހަމަޖެހުން ވަގުތުން ގެއްލިގެން ދިޔަކަހަލައެވެ. ބިރާއި ސިހުމުން އޭނާގެ ރީތި މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ. "ނޭނގޭ... ކޮންއިރަކު؟" ތަންކޮޅެއް އަޑު ބާރުކޮއް ފަޒީނާާއަށް އަހާލެވުނެވެ.
"ރޭ ދަންވަރު ... ވިދުވަރު ބޯޓުން.... ނަޒީހު އާއި ރިޝާންވެސް މިބުރު އައި" އާމިރާ އޮޅުން ފިލުވައި ދިނެވެ.
ފަޒީނާ ތެދުވިއެވެ. ދެ ދިމާލަށް އެއްލާލާފައި އޮތް ސިނާންގެ ދެކިބަ ފައިވާން ނަގާފައި ސިނާން އަތުގައި އޮތް ނާށިން ވެލިތައް ހުސްކޮއްލުމަށް ފަހު ދަރިފުޅު އުރާލައިގެން ގެޔާއި ދިމާލަށް ފަޒީނާ ހިނގައިގަތެވެ. ފަހަތުން އާމިރާވެސް ތެދުވެ ހިނގައިގަތެވެ.
ގެއަށްދިޔުމަށް އޮންނަ މަގުގެ މެދަކާއި ހަމައިން ފަޒީނާ ހުއްޓުނެވެ. ކުރިމަތީގައި ހުރި އަމްޖަދު ފެނުމުން ބިރާއި ރުޅިން ފަޒީނާގެ ހަށިގަނޑު ތުރުތުރު އަޅާލިއެވެ. ހިނިތުންވެފައި ހުރި އަމްޖަދު ސިނާން އުރާލަން އަތްދިއްކޮއްލިއެވެ. ސިނާން ބައްޕައާއި ދިމާލަށް އަތްދިއްކޮއްލުމުން ފަޒީނާ ދަރިފުޅު އަމްޖަދަށް ދޫކޮއްލިއެވެ. "ހަވީރު ގެއަށް ގެންގޮސްދޭނަން" ދަރިފުޅު ގޮވައިގެން ހިނގައިގަންނަމުން އަމްޖަދު ބުނެލިއެވެ. ފަޒީނާ އެއްވެސް އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުއްޓެވެ.
މެންދުރު ނަމާދުން ފައިބައިގެން އަޒީޒް ގެއަށް ވަނެވެ. ފަޒީނާ ކޮޓަރިން ކުއްޖަކު ރޯ އަޑު އިވޭތީ އަޒީޒް ދޮރު ހުޅުވާލިއެވެ. "ކޮބާ މަންމަ ؟" އަޒީޒް ކުއްޖާ އުރާލަމުން އަހާލިއެވެ. ދަރިފުޅު ގޮވައިގެން ބަދިގެއާއި ވީ ފަރާތައް އަޒީޒް ހިނގައިގަތެވެ.
ކޮޕީފަތް ބޮނޑިއެއް ހިފައިގެން ސައީދާ ވެސް ބަދިގެއާއި އަރާ ހަމަވި އެވަގުތު އެވެ. "ކޮބާތަ މިސޮރު މަންމަ؟"އަޒީޒް އަހާލިއެވެ. "ކީކޭ ބައްޕާ... " ބަދިގެ ތެރެއިން ފަޒީނާ ޖަވާބު ދިނެވެ. " ސަމީހު ހޭލީތަ؟" ފަޒީނާ ތަށިތައް އަތުރާލުމަށް ފަހު ބަދިގެ ދޮރުން ނިކުންނަމުން ބައްޕަ އަތުގައި އިން ދަރިފުޅު އުރާލިއެވެ.
ދަރިފުޅު ގޮވައިގެން އަނބުރާލާފާ ފަޒީނާ ބަދިގެއަށް ވަދެ ދަރިފުޅު ގޮނޑިއެއްގައި ބައިންދާފައި ތައްޓައް ބަތް އަޅަން ފެށިއެވެ.
" އަމްޖަދު މާލޭން އަތުވެއްޖެދޯ؟" ނަރުހުން އެކުލެވިފައިވާ އަޑަކުން ސައީދާ އަހާލިއެވެ. އެއްވެސް ޖަވާބެއް ނުދީ ފަޒީނާ ބަތް ކޮޅު މޮޑެލާފައި ސަމީހުއަށް ލަވަން ފެށިއެވެ.
"މަ މި ވާހަކަ ދައްކަނީ ފަޒީނާ ޔާ އޭ.. " ސައީދާ ތަންކޮޅެއް ބާރަށް ބުނެލި އެވެ. "ހޫން..... އަމްޖަދު އަތުވެއްޖެ.... ސިނާނު ގޮވައިގެން ގޮސްވި... ދެން މަންމަ ތިހެން ތި އެހީ ހަމަ އެނގި ހުރެގެން ނޫންތަ؟" ފޫހި ގޮތަކަށް ފަޒީނާ ބުނެލި އެވެ.
(ނުނިމޭ)






Comments