top of page

ކުނި މެނޭޖްކުރުމަށް ޔޫއެސްއެއިޑް އާއި ރާއްޖެ ގުޅިލާމެހިއްޖެ




ree

ކުނި މެނޭޖްކުރުމުގެ އާދަތައް ހަރުދަނާ ކުރުމަށާއި ކަނޑަށް އަޅާ ޕްލާސްޓިކް މަދުކުރުމަށް އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އިން އެންވާރަމަންޓް މިނިސްޓްރީއާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއެކު ސްޓްރެޓެޖިކް ޕާޓްނާޝިޕެއްގައި ސޮއިކޮށްފިއެވެ.


ޔޫއެސްއެއިޑްގެ އޯޝަން ޕްލާސްޓިކް ރިޑަކްޝަން ޕްރޮޖެކްޓްގެ ދަށުން މި ޕާޓްނާޝިޕްގައި ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި ޕާޓްނާޝިޕް ރަސްމީކޮށް ކުރިއަށް ގެންގޮސްފައިވަނީ މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަނުގައެވެ.


މި އެއްބަސްވުންތަކަކީ ރާއްޖޭގެ މަގޭ ސާފު ރާއްޖެ ނެޝަނަލް ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ޕޮލިސީ އެންޑް ސްޓްރެޓެޖީއާ ގުޅިގެން ހެދި އެއްބަސްވުންތަކެކެވެ. ޔޫއެސްއޭއައިޑީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓާ ފޯ އޭޝިއާ މައިކަލް ޝިފާ އާއި އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.


އެމެރިކާ އެމްބަސީން މަޢުލޫމާތު ދޭގޮތުގައި، އެންވާރަމަންޓް މިނިސްޓްރީއާއެކު ވެވުނު އެއްބަސްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި، ޑޭޓާ އެއްކުރުމާއި މެނޭޖްމަންޓް އިތުރުކުރުމާއި، މުޖުތަމަޢު ހޭލުންތެރިކުރުމުގެ ކެމްޕެއިންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ވެމްކޯއާއެކު ވެވުނު އެއްބަސްވުމުގެ މަގްސަދަކީ އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ހަރުދަނާކުރުމާއި ގްރީން ޕްރޮކިއުމަންޓް ޕޮލިސީތައް އެކުލަވާލުމާއި ކުނި މެނޭޖްކުރުމުގައި ޖިންސުގެ ހަމަހަމަކަން ކުރިއެރުވުމެވެ.


މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ބޮޑެތި ގޮންޖެހުންތައް ހައްލުކުރުމަށް ދެ ގައުމުން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ. އަދި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުނި މެނޭޖްކުރުމުގެ ހަރުދަނާކަން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ މުސްތަގުބަލެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި އެމެރިކާ އެމްބަސީން ފާހަގަކޮށްފައިވެއެވެ.


ޔޫއެސްއެއިޑްގެ އޯޝަން ޕްލާސްޓިކް ރިޑަކްޝަން ޕްރޮޖެކްޓަކީ ޕްލާސްޓިކް އިންޕުޓް މަދުކުރުމަށާއި ކުނި މެނޭޖްކުރުމުގެ އާދަތައް ހަރުދަނާ ކުރުމަށް ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page