މިއަދުވެސް ރާއްޖެއަށް ވިއްސާރަ: ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ އިންޒާރު
- Ministry Badhige
- Aug 8, 2024
- 1 min read

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަރަށް ބޮޑަށް ވިއްސާރަކޮށްފައިވެއެވެ. ޚާއްޞަކޮށް މާލެ ސަރަހައްދަށް ވަރަށް ބޮޑަށް ވިއްސާރަކޮށް، ހުޅުލެއަށް 118 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
މީގެ އިތުރުން، މާލެ އަދި ހުޅުމާލެއަށް 85 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު، އއ. ތޮއްޑޫއަށް 101.8 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މެޓް އޮފީހުން އަންދާޒާކުރާ ގޮތުގައި މިއަދުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެއެވެ. ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ ފުރުޞަތު އޮތް ކަމަށްވެސް ލަފާކުރެވެއެވެ. މިގޮތުން، ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެ، މިއަދު މެންދުރުފަހު 2:30 އާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުމުގެ ފުރުޞަތު އޮތްކަމަށް އަންގާފައިވެއެވެ.
މީގެއިތުރުން، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ޙާލަތާ ގުޅިގެން، މެޓް އޮފީހުން ވަނީ ރައްޔިތުންނަށް ސަމާލުވުމަށް އިންޒާރު ދީފައެވެ. ވީމާ، ދަތުރުފަތުރު ކުރާއިރު އިތުރަށް ސަމާލުވުމަށާއި، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ޢަމަލުކުރުމަށް އެދެމެވެ.






Comments