އަންނަ އާދީއްތައިން ފެށިގެން މޫސުން ގޯސްވާނެ
- Ministry Badhige
- Aug 9, 2024
- 1 min read

އަންނަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖެ ހިމެނޭ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ. އަންނަ ހަފްތާތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އާދިއްތަ ދުވަހުން ފެށިގެން ހަފްތާގެ ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ބެލެވޭކަމަށެވެ. އެގޮތުން ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށްވެސް ލަފާކުރައްވައެވެ.
މި ހާލަތާ ގުޅިގެން، ކަނޑު ދަތުރުކުރާ ފަރާތްތަކުން ކުރިއަށް އޮތް ހަފްތާގައި މޫސުމަށް ބެލުމަށްފަހު ދަތުރުތައް އިންތިޒާމުކުރުމަށް މެޓު އޮފީހުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވެސް ރައްކާތެރިވުމުގެ އިރުޝާދުތައް ޢާއްމުކުރައްވާފައިވެއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، ވާރޭވެހި ފެން ބޮޑުވެދާނެކަމަށް ލަފާކުރެވޭތީ ގެއަށް ފެން ނުވަންނާނެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ފެން ބޮޑުވެ ގެއްލުންވެދާނެ ފަދަ މުދާ، ފެން ނުޖެހޭނެހެން އުސްތަންތަނަށް ބަދަލުކުރުމަށެވެ. އަދި ވައި ގަދަވެ ފުރާޅުއެއްލާލާނެކަމަށް ލަފާކުރެވޭނަމަ ދުރާލާ ވައުޖަހައިގެން ފުރާޅު އެއްލާނުލާނެހެން ހައްޔަރުކުރުމަށްވެސް އިރުޝާދުދެއްވާފައިވެއެވެ.
މީގެ އިތުރުން، ގޭބިސީތަކުގައި ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެގޮތަށް ދުރާލާ ކަންކަން އިންތިޒާމުކުރުމަށްވެސް އެންޑީއެމްއޭއިން އިރުޝާދުދެއްވާފައިވެއެވެ.
ހުޅަނގު މޫސުން ޢާއްމުގޮތެއްގައި ރާއްޖެއަށް ދިމާވަނީ މެއި މަހުގެ މެދެއްހާ ހިސާބުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް މެޓު އޮފީހުން ފާހަގަކުރައްވައެވެ.






Comments