top of page

ބޯހިޔާވަހިކަމުގެ "ވަރަށް ބޮޑު" މަޝްރޫޢުއެއް ފެށުމަށް ސަރުކާރުން ނިންމައިފި




ree

މި އަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ "ވަރަށް ބޮޑު" މަޝްރޫޢުއެއް ފައްޓަވާނެކަން ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ހާމަކުރައްވައިފިއެވެ. މިނިސްޓަރު މިކަން ހާމަކުރެއްވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.


ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރު ވިދާޅުވީ މި ސަރުކާރަށް އާ މަޝްރޫޢުއަކާއިގެން ކުރިއަށް ދެވެން އޮތީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތަކުގެ މައްސަލަތައް ހައްލުކޮށްގެން ކަމަށެވެ.


"އެހެންނަމަވެސް އަޅުގަނޑު ޔަގީންކަން ދެން މިއަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ އާ މަޝްރޫޢުއެއް، ބޯހިޔާވަހިކަމުގެ ވަރަށް ބޮޑު މަޝްރޫޢުއެއް ފެށިގެންދާނެ" މިނިސްޓަރު ވިދާޅުވިއެވެ.


ކުރީ ސަރުކާރުން ހިންގަން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ މައްސަލަތައް ހައްލުކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް އަމާޒު ކުރެއްވީ، އެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯތިތަކާއި، ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ އިތުރުން ހުޅުމާލެ ފޭސް 2 ގައި އަޅަމުންދާ ފްލެޓްތަކާ ގުޅޭ ސުވާލުތަކެވެ.


މި ސުވާލުތަކަށް މިނިސްޓަރަށް އެކަށީގެންވާ ޖަވާބެއް ނުދެއްވޭ ކަމަށް ބުނެ އިދިކޮޅުން މަޖިލީހުގައި އަޑުގަދަކުރައްވަން ފެއްޓެވުމުން ރިޔާސަތުން އެ މެންބަރުންގެ ނަން އިއްވައި ތަޅުމުން ބޭރަށް ވަޑައިގެންނެވުމަށް އެންގެވިއެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page