top of page

ޖިހާދުގެ މައްސަލަ އަނބުރާ ކޯޓަށް: ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފި


ree

ރައީސް ޔާމީނުގެ ދައުރުގައި ނައިބު ރައީސްކަން ކުރެއްވި އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދަޢުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.


ޖިހާދުގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ އެމަނިކުފާނު ނާއިބު ރައީސްގެ މަޤާމާ ހަވާލުވުމުގެ ކުރިން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކޮށްފައިވާތީ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.


މިދިޔަ މަހު ކްރިމިނަލް ކޯޓުން މި ދަޢުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ ތަހުޤީޤުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެއެވެ. ނަމަވެސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބިނާކުރި އަސާސެއް ނެތުމާއި، އެކަށީގެންވާ މިންވަރަށް ސަބަބު ބަޔާންކޮށްފައި ނެތުމުން މި މައްސަލަ އިސްތިއުނާފްކުރީ ކަމަށެވެ.


ޕީޖީ އޮފީހުން އިތުރަށް ބުނެފައިވަނީ، މި މައްސަލަ އަލުން ދަށު ކޯޓުން ބަލަން އަމުރުކޮށްދިނުމަށް ހައި ކޯޓުގައި އެދިފައިވާނެ ކަމަށެވެ.


ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް ފެށުމުން ޖިހާދު ވަނީ ދަޢުވާއަށް އިންކާރުކުރައްވާފައެވެ. އަދި ދައުލަތުން ވަނީ ހެކިން ހުށަހަޅާފައެވެ. މީގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، ޖިހާދު މި މައްސަލައިގައި ދެއްވާފައިވާ ބަޔާނާއި، ވަޒީރުންގެ މަޖިލީހުގެ ބައެއް ލިޔުންތަކާއި އިތުރު ބައެއް ހެކިންވެސް ހިމެނެއެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page