ހިދުމަތް ޖަމިއްޔާގެ މެނޭޖަރު ހުސެއިން ހައިޝަމް ބަންގްލަދޭޝްގައި އެކްސިޑެންޓްވެ ހާލު ސީރިއަސް
- Ministry Badhige
- Jul 15, 2024
- 1 min read

ބަންގްލަދޭޝްގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޚައިރާތީ ޖަމިއްޔާ "ހިދުމަތް" ގެ މެނޭޖަރު ހުސެއިން ހައިޝަމްއަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ހިދުމަތް ޖަމިއްޔާގެ އޮފިޝަލެކެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، ހައިޝަމް ބަންގްލަދޭޝްއަށް ގޮސްފައިވަނީ އެ ޤައުމުގައި މިސްކިތެއް އެޅުމުގެ މަސައްކަތަކަށެވެ. އެކްސިޑެންޓް ހިނގީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ޗިޓަގޮންގްއަށް ކުރި ދިގު ދަތުރެއްގައި، ޑްރައިވަރަށް ނިދި ޖެހުމުގެ ސަބަބުންނެވެ.
ހައިޝަމް ދަތުރުކުރި ކާރު ކޮންޓްރޯލުން ގެއްލި ގަހެއްގައި ޖެހުމުގެ ސަބަބުން، އޭނާގެ ފައިގެ މާކަޅުވާ ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މިހާރު ހައިޝަމް ވަނީ ޑާކާގެ ޕްރައިވެޓް ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. އަދި މިއަދުގެ މެންދުރުފަހު ހައިޝަމްގެ ފައިގެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށްވެސް އެ ޖަމިއްޔާގެ އޮފިޝަލް ވިދާޅުވިއެވެ.
އެ ދަތުރުގައި ހިދުމަތް ޖަމިއްޔާގެ އިތުރު މެންބަރެއް ބައިވެރިވި ކަމަށާއި، އޭނާއަށް މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް އޮފިޝަލް ހާމަކުރެއްވިއެވެ.
ހިދުމަތް ޖަމިއްޔާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ދިރިއުޅޭ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން ބަންގްލަދޭޝްގައި މިހާރުވެސް ހަތަރު މިސްކިތެއް އެޅުމުގެ މަސައްކަތް ކުރިއަށްގެންދެއެވެ.
މި ހާދިސާއާ ގުޅިގެން، ހިދުމަތް ޖަމިއްޔާއިން ހައިޝަމްގެ އާއިލާއަށާއި ރައްޓެހިންނަށް އެދެނީ ކެތްތެރިކަމާއެކު ދުޢާކޮށްދެއްވުމަށެވެ. އަދި ހައިޝަމްގެ ހާލު ރަނގަޅުވަމުންދާ މިންވަރު ޢާންމުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށްވެސް ޖަމިއްޔާގެ ފަރާތުން ބުނެފައިވެއެވެ.






Comments