އެއް މަސްދުވަހުގެ ވާރޭ ތިން ދުވަހުން: މާލެ ފެނުގެ ތެރެއަށް
- Ministry Badhige
- Aug 13, 2024
- 1 min read

މިދިޔަ ތިން ދުވަހުގެ ތެރޭގައި މާލެއަށް އެއް މަސް ދުވަހުގެ ވާރޭ ވެހި، މުޅި މާލެ ވަނީ ފެނުގެ ތެރެއަށް ގޮސްފައެވެ. މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް ގެއްލުންވާ ވަރަށް މުޅި މާލޭގައި ފެންބޮޑުވެފައިވެއެވެ.
މިއަދު ހެނދުނުން ފެށިގެން މާލެ ހިމެނޭ ގޮތަށް މުޅި ރާއްޖޭގެ ބޮޑު ބަޔަކަށް އަންނަނީ ވަރަށް ބޮޑަށް ވިއްސާރަކުރަމުންނެވެ. ބުރުޒު މަގުގައި ހުރި ތިން ގެޔަކަށް ފެން ވަދެފައިވާ ކަމަށާއި، އެ ކަން ކޮންޓްރޯލްކުރުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސް ފަރާތްތަކުން މަޢުލޫމާތު ދެއެވެ.
ރޭ ވާރޭވެހި، މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މޫސުން ގޯސްވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާއިރު، މިއަދުގެ 13:00އިން ފެށިގެން 17:00ގެ ނިޔަލަށް ހއ. އަތޮޅުން ފެށީގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވެއެވެ. ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، ރާޅުގެ އުސްމިން ހުންނާނީ ހަ ފޫޓާއި ނުވަ ފޫޓާ ދެމެދުގައި ކަމަށް ވެސް ލަފާކުރެވެއެވެ.
މި ވިއްސާރައިގެ ސަބަބުން ރާއްޖޭގެ އެހެން ރަށްތަކަށް ވެސް އަސަރުކޮށްފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ. މިގޮތުން ހއ. އިހަވަންދޫގައި 12 ވަރަކަށް ގެއަކަށް ފެން ވަދެފައިވާ ކަމަށް އެ ރަށު ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރައްޔިތުން ސަމާލުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.






Comments