top of page

ބިދޭސީން ހޯދުމުގެ އޮޕަރޭޝަން: މާލޭގެ 4 ތަނަކުން 16 މީހުން ހައްޔަރު


ree

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނުގެ ދަށުން، މާލޭގެ 4 ތަނަކުން 16 ބިދޭސީން ހައްޔަރުކޮށްފިއެވެ.


އިމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަން ފެށީ ޖޫންމަހުގެ 30 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގެ ދަށުން މާރުކޭޓުތަކާއި، މާލޭގައި ހުރި ވިޔަފާރިކުރާ އެކިއެކި ތަންތަނާއި، ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރަމުންދާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.


ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވި ގޮތުގައި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމުގެ އިތުރުން، ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ފަރާތްތަކާމެދުވެސް ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެއެވެ.


"ބިދޭސީންނާއެކު ފައިސާގެ މުޢާމަލާތްތައް ހިންގުމާއި، މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއެއް ލައްވާ އެއްވެސް މަސައްކަތެއް ކުރުވުމަކީ ޤާނޫނީ ކުށެއް. މިފަދަ ކަމެއް ކޮށްފިނަމަ 50,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ," ޝަމްޢާން ވިދާޅުވިއެވެ.


އިމިގްރޭޝަނުން ބުނާ ގޮތުގައި މިހާތަނަށް 130 އަށްވުރެ ގިނަ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ސަރުކާރުގެ އަމާޒަކީ މި އޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމެވެ.


ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓްކުރުމަށް "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި ޚާއްސަ އޮންލައިން ޕްލެޓްފޯމެއް ވެސް އިމިގްރޭޝަނުން ވަނީ ތަޢާރަފުކޮށްފައެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page