ޔާމީންގެ މައްސަލައިގައި އާ ހެކިތައް ބަލައިގަތުމަށްއެދި ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް
- Ministry Badhige
- Jul 28, 2024
- 1 min read

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެންގުމުގައި ޔާމީނާ ދެކޮޅަށް ފަހުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުމަކީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކާ ފުށުއަރާ ނިންމުންތަކެއް ކަމަށެވެ. އެހެންވެ، އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހުއްދައަށް އެދި ސުޕްރީމް ކޯޓަށް މިދިޔަ ބުދަ ދުވަހު ހުށަހަޅާފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި އެ މައްސަލާގައި އެދިފައިވަނީ އާ ހެކިތައް ބަލައިގަތުމާ މެދު ދަށު ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. ނަމަވެސް، މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2022 ގެ ޑިސެމްބަރުގައި ހުކުމްކުރިއެވެ. މި ހުކުމް ހައި ކޯޓުން ބާތިލްކޮށްފައިވަނީ ޔާމީނާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ނިންމުމަށް ފަހުގައެވެ.






Comments