ޑިވެލޮޕްމަންޓް ބޭންކް ހިންގުމުގެ ލައިސަންސަށް އެދި ސަރުކާރުން ހުށަހަޅައިފި
- Ministry Badhige
- Jul 28, 2024
- 1 min read

ޑިވެލޮޕްމަންޓް ބޭންކް ހިންގުމުގެ ލައިސަންސަށް އެދި ސަރުކާރުން ހުށަހަޅައިފި
ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް ހިންގުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް ސަރުކާރުން މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އެދިއްޖެ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކް ހިންގުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަރުކަޒީ ބޭންކަށް ހުށަހަޅާފައިވާ ކަމަށެވެ.
"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި މި ކުންފުނި އުފެއްދެވީ މިދިޔަ މެއި 16 ވަނަ ދުވަހު އެވެ. މިއީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވޭ ކުންފުންޏެކެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ކުރިއަށް އޮތް އޮގަސްޓް މަހު ޑިވެލޮޕްމަންޓް ބޭންކްގެ މަސައްކަތް ރަސްމީކޮށް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް، ގޮންޖެހުންތަކާ ކުރިމަތިވެއްޖެނަމަ ކުދިކުދި ލަސްތަކެއް އަތުވެދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އަވަސް އަރުވާލާފައި މިކަން ނުކޮށް ހަމަ ފެންވަރު ރަނގަޅު ބޭފުޅުންވެސް ހޯދައިގެން މިކަން ކުރަން އަޅުގަނޑުމެން މިމަސައްކަތް ކުރާތީ ކުދިކުދި ލަސްތައް މިވަނީ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އެހެންނަމަވެސް، ބޭންކްގެ މަސައްކަތް ފެށުން ދެން މާބޮޑަށް ލަސްވެގެން ނުދާނެ ކަމަށް މިނިސްޓަރު ސައީދު އިތުބާރު ފާޅުކުރެއްވިއެވެ.






Comments