top of page

ގައުމީ ހިދުމަތްތެރިޔާ ފުއާދު ތައުފީގުގެ ހަޔާތުގެ ވާހަކަ: 'ގޮތުގައި' ފޮތް ނެރިއްޖެ




ree

ރަޢީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގުގެ ބަޔޮގްރަފީ ފޮތް "ގޮތުގައި" މިއަދު ރަސްމީކޮށް ނެރުއްވައިފިއެވެ. މި ފޮތް ނެރުއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.


ނޫސްވެރިޔާ އަހުމަދު ސާއިލު އަލީ ލިޔުއްވާފައިވާ މި 190 ސަފުހާގެ ފޮތުގައި، ގައުމީ ހިދުމަތްތެރިޔާ ފުއާދު ތައުފީގުގެ އަމިއްލަ ހަޔާތާއި މަސައްކަތުގެ ހަޔާތުގެ މައްޗަށް ތަފްސީލުކޮށް އަލިއަޅުވާލާފައިވެއެވެ. ފޮތުގެ ތަޢާރަފުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފުއާދަކީ ވެރިންނަށް ރައްޔިތުންގެ އިތުބާރު ކުޑަވެފައިވާ ޒަމާނެއްގައި ދިވެހީންނަށް ލިބުނު މުތެކެވެ. އަދި ހިންގުމާއި، ރޭވުމާއި، ތަންފީޒުކުރެއްވުމުގައި ދެވަނައެއް ނެތް ފަދަ ފަސްމީރުކުރި ރުކެއް ކަމުގައި ވެސް ބަޔާންކޮށްފައިވެއެވެ.


މި ފޮތުގައި ފުއާދުގެ ހަޔާތުގެ މުހިންމު މަރުހަލާތަކަށް އަލިއަޅުވާލާފައިވެއެވެ. މީގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ކޮމްޕިއުޓަރު ތަޢާރަފުކޮށް، އޭގެ ބޭނުން ހިފައިގެން ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދެވި ދުވަސްވަރުގެ ވާހަކަތަކާއި، ސާކް ޖަމިއްޔާގެ ސެކްރެޓޭރިއޭޓުގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރުގެ ތަޖުރިބާތައް ހިމެނެއެވެ. އަދި އޭގެ އިތުރުން، އިލެކްޝަންސް ކޮމިޝަންގައި ހުންނަވައިގެން ކުރެއްވި އާދަޔާ ޚިލާފު އަދި އަގުހުރި މަސައްކަތްތަކުގެ ތަފްސީލު ވެސް ހިމަނާފައިވެއެވެ.


ފޮތުގައި ރާއްޖޭގައި ޑިމޮކްރަސީ ތަޢާރަފުވެ، ދެފުށް ފެންނަ ގޮތަށް އިންތިޚާބުތައް ބޭއްވުމަށް ޤާނޫނުން ލާޒިމުކުރުމުން، އެ މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި ފުއާދު ކުރެއްވި ބުރަ މަސައްކަތްތަކުގެ ވާހަކަ ވެސް ހިމަނާފައިވެއެވެ. މި ފޮތަކީ ފުއާދުގެ ހަޔާތުގެ އެންމެ ތުއްތު އިރުން ފެށިގެން މިއަދާ ހަމައަށް ދިމާވި ހުރިހާ ކަމެއްގެ ތަފްސީލު ހިމެނޭ ލިޔުމެކެވެ.


ފޮތުގެ މުސައްނިފު އަހުމަދު ސާއިލު އަލީއަކީ ނޫސްވެރިކަމުގެ ދާއިރާގައި 12 އަހަރު ހޭދަކުރައްވާފައިވާ ތަޖުރިބާކާރެކެވެ. އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އިޖުތިމާޢީ ދާއިރާގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑާއި، އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑު ހާސިލުކުރައްވާފައެވެ. މިއީ ސާއިލު ލިޔުއްވި ތިންވަނަ ފޮތެވެ.


"ގޮތުގައި" ފޮތް 200 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވެއެވެ. މި ފޮތް އުރީދޫގެ އީ-ކޮމާސް ވެބްސައިޓް "މޫލީ" އިން ގަންނަން ލިބޭނެއެވެ. އަދި 9185335 ނަންބަރު ފޯނަށް ގުޅައި އޯޑަރުކުރުމުން މާލެ ސަރަހައްދުގެ ކޮންމެ ހިސާބަކަށް ވެސް ޑެލިވަރީކޮށްދޭނެ ކަމަށް ފޮތް ޝާއިޢުކުރި ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page