top of page

ރާއްޖެއާއި އިންޑިއާގެ ފަތުރުވެރިކަމުގެ ވަޒީރުން ބައްދަލުކުރައްވައިފި


ree

ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް އާއި އިންޑިއާގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ޝްރީ ގަޖެންދުރަ ސިންގް ޝެކާވަތް މިއަދު ބައްދަލުކުރައްވައިފިއެވެ.


މި ބައްދަލުވުމުގައި ދެ ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާއި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.


ވަޒީރު ފައިސަލް އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދެ ބޭފުޅުންގެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ފަތުރުވެރިކަމުގެ އެއްބާރުލުން ދިނުމާއި ގުޅޭގޮތުންނާއި، ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ކަމަށެވެ.


މި ބައްދަލުވުން ބޭއްވިފައިވަނީ އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް 'ވެލްކަމް އިންޑިއާ' ގެ ނަމުގައި ފެށި ރޯޑްޝޯގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ފައިސަލް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.


'ވެލްކަމް އިންޑިއާ' ރޯޑްޝޯ އަކީ އެމްއެމްޕީއާރުސީއާއި ގެސްޓްހައުސް އެސޯސިއޭޝަން އަދި މަޓާޓޯ ގުޅިގެން ކުރިއަށް ގެންދާ ޙަރަކާތެކެވެ.


މި ރޯޑްޝޯ އިންޑިއާގެ ތިން ބޮޑު ސިޓީއެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:

  • ނިއުދިއްލީގައި ޖުލައި 30 ގައި

  • މުމްބާއީގައި އޮގަސްޓް 1 ގައި

  • ބެންގަލޫރުގައި އޮގަސްޓު 3 ގައެވެ.



މި ހައި ޕްރޮފައިލް އިވެންޓުން ދެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ފަރާތްތައް އެއްތަނަކަށް ޖަމާވެ، އައު ޕާޓްނަރޝިޕްތައް އުފައްދައި، މިހާރު އޮތް ގުޅުންތައް އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ރީތިކަމާއި ތަފާތުކަން ދައްކުވައިދޭނެ ޕްލެޓްފޯމެއް ލިބިގެންދާނެކަމަށް އެމްއެމްޕީއާރްސީން މަޢުލޫމާތު ދެއްވާފައިވެއެވެ.


ފަހަކަށް އައިސް ރާއްޖޭގައި އިންޑިއާގެ މާކެޓް ދަށަށް ދިއުމާ ގުޅިގެން، އެ ގައުމުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން ދަނީ މަސައްކަތް ކުރަމުންނެވެ. މި ރޯޑްޝޯގެ މަޤްޞަދަކީ އިތުރުވަމުންދާ ޑިމާންޑްގެ ބޭނުން ހެޔޮގޮތުގައި ހިފައި، އިންޑިއާގެ ފަތުރުވެރިންގެ މެދުގައި އެންމެ ފުންނާބު އުސް މަންޒިލެއްގެ ގޮތުގައި ރާއްޖެ އޮތް ދަރަޖަ ހިފެހެއްޓުމެވެ.


"ވެލްކަމް އިންޑިއާ" ރޯޑްޝޯގައި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި، ލަގްޒަރީ ރިސޯޓްތަކާއި، ހިތްގައިމު ގެސްޓްހައުސްތަކާއި، މުއްސަނދި ސަގާފީ ތަރިކަ އިންޑިއާގެ ތިން ސިޓީގައި ފާހަގަކުރެވޭނެއެވެ. މީގެ އިތުރުން، ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ މެހެމާންދާރީ ތަޖުރިބާކުރުމުގެ އިތުރުން ވިޔަފާރީގެ ފުރުސަތުތައް ހޯދުމުގެ ފުރުސަތުތައް ލިބިގެންދާނެއެވެ.


ކޮންމެ ރޯޑްޝޯއެއްގައި ރެފްލް ގިވްއަވޭއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ނަސީބުވެރި ފަރާތްތަކަށް ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެކަމަށްވެސް އިޢުލާނު ކުރެވިފައިވެއެވެ.


މި ރޯޑްޝޯއިން ރާއްޖެއާއި އިންޑިއާގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށް އުއްމީދު ކުރެވެއެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page