އައިއެމްއެފްގެ ތައުރީފް ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް
- Ministry Badhige
- Feb 13, 2024
- 2 min read

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިސްވެ ހުންނަވައިގެން ދިވެހިރާއްޖެއަށް ގެންނަވާ އިގްތިސާދީ އިސްލާހުގެ އެޖެންޑާއަށް ފުރިހަމަ އިތުބާރުއެބައޮތްކަމަށާއި, ނަމަވެސް އާ ސަރުކާރަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ވިދާޅުވެއްޖެއެވެ.
ދުބާއީގައި ކުރިއަށްދާ ވަރލްޑް ގަވާމަންޓްސް ސަމިޓް ގެ ހަވާސާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި އައިއެމްއެފްގެ އިސްވެރިއާ ވިދާޅުވީ, ޤައުމުގައި ހުރި އެތެރޭގެ ގޮންޖެހުންތަކާއި، ބޭރު ދުނިޔޭގައި ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މާލީ ނިޒާމު އިސްލާހުކޮށް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ރާވައި އެކަންކަން ތަންފީޒުކުރުން މުހިންމުކަމަށެވެ.
ރައީސް މުއިއްޒު ސަރުކާރު ވެރިކަމަށް އައިއިރު ދިވެހިރާއްޖެއަށް މާލީ ގޮތުން ކުރިމަތިވެފައިވާނީ ނާޒުކު ހާލަތެއްކަމަށް ވެސް ކްރިސްޓަލީނާ ޖޯޖިއެވާ ވިދާޅުވިއެވެ.
އާ ސަރުކާރަށް ކުރިމަތިވި މާލީ އުނދަގޫ ޙާލަތުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން މުހިންމުކަމަށް އައިއެމްއެފްގެ މެނޭޖެނިންޑިރެކްޓަރު ފާހަގަކުރެއްވިއެވެ.
އައިއެމްއެފް ގެ މެނޭޖިން ޑިރެކްޓަރު ދެއްކެވި ވާހަކަފުޅުގައި، ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދެއްވުމަށްޓަކައި، ހިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅާއެކު، ސަރުކާރުގެ ހިންގުމަށް އިސްލާހުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އަހަމިއްޔަތު ދެއްވާ ކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޤައުމާ މުޚާތަބުކުރައްވައި ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި މިކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައިވާކަމަށްޓަކައި ތައުރީފު ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ކަންކަން ބަލައިގަންނަކަމުގައި ވިދާޅުވި, އެކަންކަމުން ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިސާދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދިނުމުގެ ޤާބިލުކަން ހުރިކަމުގައި އައި.އެމް.އެފް. ގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އިސްވެ ހުންނަވައިގެން ދިވެހިރާއްޖެއަށް ގެންނަވާ އިގްތިސާދީ އިސްލާހުގެ އެޖެންޑާއަށް ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރައްވަމުން، ދިވެހި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ތަޢުރީފު ކުރައްވައި، ދިވެހިރާއްޖެއަށް ފާގަތި މުސްތަޤްބަލެއްގެ ބިންގާ އެޅުމުގައި ސަރުކާރުން އަޅުއްވަމުން ގެންދަނީ މުހިންމު ފިޔަވަޅުތަކެއް, ކަމަށް ވެސް އައިއެމްއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ހިއްސާކުރެއްވުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތައް އައިއެމްއެފް ގެ މެނޭޖިން ޑިރެކްޓަރު ތަޢުރީފު ކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ ޤުދުރަތީ ރީތިކަން ލިބިފައިވާ ޤައުމެއްކަމަށާއި، އެހެންނަމަވެސް ތިމާވެށީގެ ނާޒުކުކަން އޮތް ޤައުމެއްގެ ގޮތުގައި ފާހަގަކުރައްވައި، މިކަންކަމަށް ވިސްނަވައިގެން، މި ކަންކަމުން އަރައިގަތުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އާ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމުގެ މުހިންމު, ކަމަށް އައިއެމްއެފް ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ އާއި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެކަންކަމަށް ހޭނުމަށާއި ވިލުންތެރިކަން އިތުރުކުރުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އައިއެމްއެފް އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އައިއެމްއެފް އަށް ޝުކުރު އަދާކުރައްވާފަ. މި ބައްދަލުވުން ނިންމަވާލެއްވީ ކުރިއަށް އޮތް ތަނުގައި ދެ ފަރާތުގެ ގުޅުން ބަދަހިކުރެވޭނެ ކަމުގެ އުއްމީދުކުރައްވާކަމުގައި ފާހަގަކުރައްވަމުންނެވެ.
އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ އަކީ ވަރލްޑް ބޭންކުގެ ކުރީގެ ސީއީއޯ އަދި ޔޫރަޕިއަން ކޮމިޝަންގެ ބަޖެޓް އެންޑް ހިއުމަން ރިސޯސަސްގެ ކުރީގެ ވައިސް ޕްރެޒިޑެންޓެވެ.






Comments