މިއަހަރު ތައިލެންޑާއި ޔޫއެއީން އާސަންދަ ލިބެން ފަށާނެ: ރައީސް
- Ministry Badhige
- Mar 29, 2024
- 2 min read
Updated: Mar 30, 2024

ތައިލެންޑާއި ޔޫއޭއީއިން ވެސް މި އަހަރު އާސަންދަ ލިބެން ފަށާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ރޭ ވިދާޅުވީ، އެ ދެގައުމުން އާސަންދަ ދިނުމުގެ ހިދުމަތް ފެށުމަށް އިދާރީ ގޮތުން ކުރަން ހުރި މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ. އެހެންކަމުން މި އަހަރުތެރޭގައި އެ ހިދުމަތް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން މިވަގުތު ފޮނުވަމުންދަނީ ހަމައެކަނި އިންޑިއާށާއި ސްރީލަންކާއަށް ކަމުގައިވީ ނަމަވެސް، ކުރިއަށް އޮތްތަނުގައި ތައިލެންޑް އަދި ޔޫއޭއީ އަށްވެސް ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ދޮގު ހަބަރު ފަތުރާ ވެބްސައިޓްތަކަށް ފިޔަވަޅު އަޅާނީ ކަމާބެހޭ މުއައްސަސާތަކުން ކަމަށާއި ސަރުކާރުން އެކަން ކުރަން ބޭނުން ނުވާ ކަމަށެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ, ގާނޫނު އަސާސީގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ފުރިހަމައަށް ދީފައިވާ ކަމަށް. އަދި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް އެމަނިކުފާނު އެއްވެސް ހުރަހެއް ނާޅުއްވާނެ ކަމަށެވެ.
ހިޔާލު ފާޅު ކުރުމަކީ ރައީސް ވަރަށް ތަރުހީބުވެސް ދެއްވާ ކަމެއްކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ކަނޑައެޅިގެން ދޮގު ވާހަކަ ފެތުރުމަކީ އެއްވެސް މުޖުތަމައެއްގައި ނުވަތަ އެއްވެސް ގައުމެއްގައި މަސްލަހަތަށް ރަނގަޅު ގޮތެއް ނޫންކަމަށެވެ.
ނަމަވެސް އެކަން ހުއްޓުވަން ބޭނުންވަނީ ކަމާ ބެހޭ މުއައްސަސާތަކުން އިސްނަގައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި ކަމާބެހޭ އެކި ކަހަލަ ކޮމިޝަންތަކާއި މުއައްސަސާތައް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ޒިންމާދާރު ކަމާއެކު އެ މަސައްކަތް ކުރިއަށް ގެންދަން ވާނީ އެ މުއައްސަސާތަކުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ, އުންމީދަކީ މި އަހަރު ނިމެން ވާިއރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތްތައް ނިންމައި އޮޕަރޭޝަނަށް ގެނައުން ކަމަށެވެ.
މިހާރު ވަރަށް ބޮޑުތަން ކެޗްއަޕްކުރެވި އެ މަޝްރޫއު ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވި. އުންމީދަކީ މި އަހަރު ނިމެންވާއިރާ ޓާމިނަލްގެ މުހިންމު މަސައްކަތްތަކެއް ނިންމައި އެއާޕޯޓް އޮޕަރޭޝަނަށް ގެނައުން ކަމަށް ރައީސް ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ކުވެއިތު ފަންޑު ހިމެނޭ ގޮތަށް ހަތަރު ބައެއްގެ ލޯނު ނަގައިގެން ހިންގާ ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބިޔަ މަޝްރޫއެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފެށި އެ މަސައްކަތުގެ ބޮޑު ބައި ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން އާ ރަންވޭ ނިންމާލާފައިވާއިރު ފިއުލް ފާމްވެސް ވަނީ ނިމިފައެވެ. އަދި ސީ ޕްލޭން ޓާމިނަލް އަދި ކާގޯ ކޮމްޕްލެކްސްގެ މަސައްކަތްވެސް ވަނީ ނިމިފައެވެ.
މިހާރު ކުރެވެމުންދާ މަސައްކަތަކީ ޕެސެންޖާ ޓާމިނަލްގެ މަސައްކަތެކެވެ.
ހަތް މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދޭ ގޮތަށް ތަރައްގީ ކުރާ އިރު، އެންމެ ބާރު ސްޕީޑުގައި ކުރިޔަށް ދަނީ އާ ޓާމިނަލްގެ މަސައްކަތެވެ.
އާ ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް މި ސަރުކާރުން ލަފާކޮށްފައި ވަނީ 2025 ގައިއެވެ. އެކި ސަބަބުތަކާ ހުރެ އެ މަޝްރޫއު ވަރަށް ބޮޑަށް ލަސްވި އިރު، މި މަޝްރޫއަށް މިހާތަނަށް ސައޫދީ ފަންޑުން 99.8 މިލިއަން ޑޮލަރު، ކުވޭތު ފަންޑުން 97.6 މިލިއަން ޑޮލަރު، އޯޕެކް ފަންޑުން 50 މިލިއަން ޑޮލަރު އަދި އަބޫ ދާބީ ފަންޑުން 50 މިލިއަން ޑޮލަރު ސަރުކާރުން ނަގާފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.






Comments