top of page

ހަމީދުގެ ކޮމިޝަނަރުކަމުގައި ހިންގި 66 މިލިއަން ރުފިޔާގެ މުއާމަލާތެއްގައި ކޮރަޕްޝަންގެ ތުހުމަތު


ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ ކޮމިޝަނަރުކަމުގެ ދައުރުގައި ފުލުހުންނަށް ބޭނުންވާ ބޮޑީ ވޯން ކެމެރާ ގަތުމަށް ހިންގި 66 މިލިއަން ރުފިޔާގެ މުއާމަލާތެއްގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތުތަކެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ކޮށްފިއެވެ.

ree

މި މައްސަލަ އަލުން ފެންމަތިވެގެން އައީ ފުލުހުންގެ ހައުސިން މަޝްރޫއާ ގުޅޭ އޮޑިޓް ރިޕޯޓުތައް ދިރާސާކުރުމަށް އެކުލަވާލި ހާއްސަ ސަބް ކޮމިޓީން އެ މައްސަލަ ބަލަން ފެށުމުންނެވެ.


މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ހަމީދުގެ ކޮމިޝަނަރުކަމުގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ކަމަށެވެ. އެންމެ ފުރަތަމަ ބީލަމަށް ލުމަށްފަހު، އެ ބާތިލުކޮށްފައި އަލުން ސީދާ އެއް ކުންފުންޏަކަށް މަސައްކަތް ހަވާލުކުރުމުން އެކަމުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރިކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އެ މުއާމަލާތުގެ ޖުމްލަ އަގަކީ 66 މިލިއަން ރުފިޔާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


ނާޒިމް ވިދާޅުވި ގޮތުގައި، މި މައްސަލަ އަލުން ބަލަން ޖެހުނީ، މަގާމުން ރިޓަޔާ ކުރެއްވުމަށްފަހު ހަމީދު، އެ ކޮންޓްރެކްޓް ލިބުނު ކުންފުނީގެ ވަޒީފާއަކަށް ވަޑައިގެންފައިވާތީއެވެ. އެހެންކަމުން، ކުރިން އެ މުއާމަލާތުގައި މައްސަލައެއް ނެތް ކަމަށް ނިންމާފައި އޮތް ނަމަވެސް، މިހާރު ހިނގާފައިވާ ކަންކަމުގެ ސަބަބުން ޕްރޮފެޝަނަލް އަދި އަހުލާގީ މައްސަލަތަކެއް ހުރިކަމަށް ގަބޫލުކުރެވޭތީ، ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެކަން އިތުރަށް ބަލަންޖެހޭ ކަމަށް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page