ހިޔާ ފުލެޓުގަ ދެ ލިފްޓު ހަރުކުރަން ބަޖެޓުކޮށްފި
- Ministry Badhige
- Oct 20, 2023
- 1 min read

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ލިފްޓް ހަރުކުރުމަށް ހިމަނާފައިވާނެކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތަކުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް މި ސަރުކާރުން އެކުލަވާލި ބަޖެޓުގައި، އެ މަނިކުފާނުގެ ސަރުކާރުން ބޭނުންވި ކަންތައްތައް ހިމެނުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ. އެ ބަޖެޓުގައި އެއް ކަމަކަށް ހިމެނުއްވީ ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކުރަން ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވެފައިވަނީ ކޮންމެ ޓަވަރެއްގައި ދެ ލިފްޓް ހަރުކުރާއިރު، އޭގެތެރޭގައި ހިމެނޭނީ ސްޓްރެޗަ ނުވަތަ ބަލިމީހުން އުފުލޭނެ ލިފްޓަކާއި 14 މީހުންގެ ޖާގައިގެ ލިފްޓެއް ކަމަށެވެ. އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެކަން ތަންފީޒުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީކޮށްފައިވާ ހިޔާގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި ތިން ނުވަތަ ދޭއް ލިފްޓު ހުންނައިރު، ލިފްޓުތައް މަދުވުމަކީ ފްލެޓުތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުގެ ބޮޑު ޝަކުވާއެކެވެ. ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށްދިނުމަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި ބޭއްވި މި ބައްދަލުކުރުމުގައި މުއިއްޒުގެ އަރިހުގައި، އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތުގައި އާންމުންނަށް އިންތިހާބީ ރައީސާއި އިންތިހާބީ ނައިބު ރައީސާ ސަލާމްކޮށް، އަރިހުގައި ފޮޓޯ ނެގުމުގެ ފުރުސަތު ވަނީ ދީފައެވެ.






Comments