ބްރޯޑްކޮމްގެ ކުރީގެ ރައީސް ސަފާ އާއި ސަރާހަތު މީޑިއާ ކޮމިޝަނަށް
- ބްރަސްތާ
- Oct 21
- 1 min read

ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް ސަފާ ޝަފީގު އާއި އެ ކޮމިޝަންގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު، އާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. މި ދެ ބޭފުޅުންގެ އިތުރުން މި މަގާމަށް މަޖިލީހުން ރުހުން ދީފައިވަނީ މުހައްމަދު ފަރުސަތަށެވެ. މިއީ އާ ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނެވެ.
މި ތިން ބޭފުޅުންނަށް ރުހުން ދިނުމަށް މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި، ބައިވެރިވި 63 މެންބަރުންގެ ތެރެއިން 54 މެންބަރަކު ވަނީ ރުހުން ދެއްވާފައެވެ. މި ބޭފުޅުން އައްޔަންކުރުމާ ދެކޮޅަށް ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ މި މަގާމަށް ކުރިމަތިލެއްވި އަށް ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ހޯއްދެވި ތިން ބޭފުޅުންގެ ގޮތުގައި ފަރުސަތު، ސަފާ އަދި ސަރާހަތުގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. އެގޮތުން ފަރުސަތަށް 90.50 ޕަސަންޓު، ސަފާއަށް 88.88 ޕަސަންޓު އަދި ސަރާހަތަށް 87.88 ޕަސަންޓު ލިބިފައިވެއެވެ.
އާ ގާނޫނުގެ ދަށުން އުފައްދާފައިވާ މީޑިއާ ކޮމިޝަންގައި ހިމެނެނީ ޖުމްލަ ހަތް މެންބަރުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންގެ އިތުރުން މީޑިއާތައް ތަމްސީލުކުރާ ހަތަރު މެންބަރުންނެވެ. މީޑިއާތައް ތަމްސީލުކުރާ ހަތަރު މަގާމަށް މެންބަރުން ހޮވާފައިވަނީ ވާދަވެރި އިންތިހާބަކާ ނުލައެވެ. އެއީ އެ މަގާމުތަކަށް ކުރިމަތިލީ މެންބަރުންގެ އަދަދު، އިންތިހާބު ކުރަންޖެހޭ އަދަދާ އެއްވަރުވުމުން ކަމަށް މައުލޫމާތު ލިބެއެވެ.






Comments