top of page

ބިދޭސީ މިނިވަންކަން

Updated: Oct 15


ދިވެހިރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި އެތައް އަހަރެއް ހޭދަ ކޮއްފައި ވިޔަސް މިހާތަނަށް އައި އިރު ދިވެހިންނަށް ދިވެހިން ބޭނުންވާ ހަގީގީ މިނިވަން ކަމުގެ އިހުސާސް ކުރެވޭ ބާއޭ. މިއީ މުޖްތަމައުން ފެންނަ ބައެއް މަންޒަރު ތަކާއި އިވޭ ބައެއް އަޑުތަކުން އަޅުގަނޑުގެ ހިތުގައި ބައެއް ފަހަރު އުފެދޭ ސުވާލެކެވެ.

ree

މިނިވަން ކަމަކީ ދެ ސަރުކާރެއްގެ ދެމެދުގައި ސޮއި ކޮއް ބަދަލުކޮށްލެވޭ ކަރުދާސް ތަކަކުން ލިބޭ އެއްޗެއް ކަމަށްވާނަމަ ޝައްކަކާ ނުލާ އަޅުގަނޑުމެން ދިރިއުޅެމުންދާ ރާއްޖެ އަކީ މިނިވަން ގައުމެކެވެ. ނަމަވެސް އެއަށް ވުރެ ފުޅާ ނަޒަރަކުން ބަލާ ނަމަ އަޅުގަނޑުމެން މިހާރު މި ތިބި ހާލަތަކީ މިނިވަންކަމުގެ އިހުސާސްތަކާއި އޭގެ އަރާމާ ލައްޒަތު ލިބިދޭ ހާލަތެކޭ ނުދެންނެވޭނެއެވެ.

ސަބަބުތަކައް ވިސްނާލަމާ ތޯއެވެ!

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ޢާމްދަނީ ހޯދަން ގިނަ ވަގުތު ބޭރުތެރޭގައި މަސައްކަތް ތަކުގައި އުޅެން ޖެހިފައި ވާ މީހުންނެވެ. ގޭތެރޭގެ އެކި މަސައްކަތްތަކަށް ބޭރު ކަރަކަރައިން މީހުންގެވެސް މުޅި ރާއްޖޭގެ ހުރިހާ ދިމާލެއް މިވަނީ ފުރިގެން ބަންޑުން ދާ ވަރަށް ބިދޭސީން ގިނަވެފައެވެ. ގަވާއިދަށާއި ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ މި މީހުންގެ ނުފޫޒު އަޅުގަނޑުމެން ގެ ކުނިކަހާ ފިހިގަނޑުން ފެށިގެން އަޅުގަނޑުމެން ގެ އަނބި ދަރިންނާއި ވިޔަފާރިތަކަށް ވެސް މިވަނީ ފޯރާފާއެވެ. ގޭތެރޭގެ މަސައްކަތައް ގެންނަ "ބޮންދުސޮރު" ރީތިވެގެން ފިރިމީހާޔާ ދެބަސްވެ ޒަވާޖީ ޙަޔާތް ރޫޅާލާ ހިސާބަށް ކަންކަން ގޮސްފައި އެބަހުއްޓެވެ. ބޮޑެތި ވަމުން އަންނަ ދަރިން ތަރުބިއްޔަތު ކުރުމަށް ގޭގައި ހުންނަ މެއިޑްގެ ދީނަށް ކުއްޖާ ލެނބެމުން ގޮސް ތިމާއަކީ މުސްލިމެކޭ ބުނެލަން ނޭނގޭ މިންވަރަށް ދަރިން ގެ ދީނީ ކަންކަން ދަށްވެފައި އެބަހުއްޓެވެ. ހަމަ އެހެންމެ އަޅުގަނޑުމެން އެ މަސައްކަތައް ފަޚުރުވެރި ވާ އަޅުގަނޑުމެން ގެ ލޭނާރޭ ކިޔާ މަސްވެރިކަމުގައި ދިވެހި އޮޑި ފަހަރުތަކުގައި ކެޔޮޅުންގެ ގޮތުގައިވެސް މިހާރަކަށް އައިސް ފެންނަނީ މި ބިދޭސީންނެވެ. ޓުވަރިޒަމް އާއި ކޮންސްޓްރަކްޝަން ގެ ވިޔަފާރި ތަކުގައި އަދި ކުޑަ މިނުން ސަރުކާރުގެ ވުޒާރާ ތަކުގެ ރައްކާތެރިކަން ބެލެހެއްޓުމަށް ހަވާލު ވެ ސެކިޔުރިޓީންނަށް ތިބޭތަން ވެސް ފެންނަނީ މިދެންނެވި ފަރާތްތަކެވެ. ވީމާ މިކަންކަމާއި މެދު އަޅުގަނޑު ވިސްނާލުމުން އިހުސާސް ކުރެވުނީ މިއީ އަޅުވެތި ވުމެއްގެ ގޮތުގައެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ހެން އަޅުގަނޑުމެންނަށް މި ތިބެވެނީ އެމީހުންނަށް ބަރޯސާވެ އަޅުވެތި ވެވިފައެވެ. މިއީ ކަން ވާންޖެހޭ ގޮތްކަމުގައި ނުވިޔަސް އަދި ކިތަންމެ ހިތްދަތި އިހުސާސެއް ކުރަމުން ބުނަން ޖެހުނަސް ހަގީގަތަކީ މި އަޅުވެތި ކަމުގެ ފަހަތުގައި ވަނީ ހަމަ އަޅުގަނޑުމެން ދިވެހިންގެ ކަން ފަސޭހަ ކަމާއި ކަންނެތް ކަމެވެ. ކޮންމެ ކަމަކަށް ބިދޭސީ އެއް ނޫން ގޮތެއް އަޅުގަނޑުމެން ހޯދަން އެބަ ޖެހެއެވެ. މުސްތަގްބަލްގައި އަޅުގަނޑުމެން ގެ ކިޔަވައިގެން ތިބި ޒުވާނުން ނަށް އެއްވެސް ވަޒީފާއެއް ނުލިބި މިހާރަށް ވުރެވެސް އެކުދިންގެ ހާލަތު ދަށައް ދިޔުމުގެ ކުރިން މިކަމާ ފަރުދީ އަދި ޤައުމީ ނަޒަރަކުން ވިސްނާ ހައްލެއް ހޯދަން ވެއްޖެ ކަމުގައި ހަމަ ގައިމުވެސް އަޅުގަނޑު ދެކެމެވެ.


Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page