top of page

ބިލިއަނުން ކޮރަޕްޝަން ހިންގަނީ ސިޔާސީ ވެރިން، އާންމު މުވައްޒަފުންނެއް ނޫން: ކުރީގެ އޮޑިޓާ ޖެނެރަލް

ree

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބުރާހިމް ވިދާޅުވީ، ދައުލަތުގެ ތެރެއިން ބޮޑެތި އަދަދުތަކުން ކޮރަޕްޝަން ހިންގަނީ އާންމު މުވައްޒަފުންނަށް ވުރެ ބޮޑަށް، އެންމެ މަތީ ފަންތީގެ ސިޔާސީ ވެރިން ކަމަށެވެ. އޭނާ މި ފާޑުކިޔުންތައް އަމާޒުކުރެއްވީ، ކޮރަޕްޝަން އެންމެ ބޮޑަށް ހިންގަނީ ދައުލަތުގެ ދަށް އަދި މެދު ފަންތީގެ ވަޒީފާތަކުގައި އުޅޭ މީހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާއެއްގައި ރައީސް ވިދާޅުވެފައިވަނީ، ވިސާ ދޫކުރުން ފަދަ އާންމުންނަށް ސީދާ ހިދުމަތްދޭ ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރޭގައި ކޮރަޕްޝަން އާންމު ކަމަށެވެ. ނަމަވެސް، ސޯޝަލް މީޑިއާގައި މި ވާހަކައަށް ރައްދު ދެއްވަމުން ނިޔާޒް ވިދާޅުވީ، އާންމު މުވައްޒަފަކަށް މިލިއަނުން ނުވަތަ ބިލިއަނުން ވައްކަން ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، އެފަދަ ބޮޑެތި ހިޔާނާތްތައް ހިންގަނީ ނިޒާމުގެ ތެރެއިން އެކަން ކުރެވޭނެ ބާރާއި ނުފޫޒު ލިބިފައިވާ ސިޔާސީ ވެރިން ކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގިނަ ފަހަރަށް ދައުލަތުގެ ނިޒާމުތައް ފަރުމާކޮށްފައި ހުންނަނީ ވެސް އެފަދަ ބޮޑެތި ކޮރަޕްޝަންތައް ހިންގުމަށް ސިޔާސީ ވެރިންނަށް މަގުފަހިވާ ގޮތަށެވެ.

ނިޔާޒް އިބުރާހިމް އަކީ ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާއަރުވާލެއްވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. 2014 ވަނަ އަހަރު އޭނާ ނެރުއްވި އޮޑިޓް ރިޕޯޓަކީ މި ހިޔާނާތުގެ މައްސަލަ ފުރަތަމަ ފަހަރަށް އާންމުންގެ ސަމާލުކަމަށް އައިސް، ތަހުގީގުތައް ފެށުމަށް މަގުފަހިކުރި އެއްޗެކެވެ. އެ ރިޕޯޓާ ގުޅިގެން އޭނާ ވަޒީފާއިން ވަކިކޮށް، މަރުގެ އިންޒާރުތައް ދިނުމުން، ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަން ވެސް މަޖުބޫރުވެވަޑައިގެންނެވިއެވެ. އެހެންކަމުން، ކޮރަޕްޝަންގެ މައްސަލަތަކުގައި އޭނާ ދައްކަވާ ވާހަކަތަކަށް ގިނަ ބަޔަކު ސަމާލުކަން ދެއެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page