ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އިސްތިއުފާދެއްވައިފި
- Ministry Badhige
- Feb 9, 2024
- 1 min read

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާދެއްވައިފިއެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބު އާންމުކޮށް ހާމަކުރައްވާފައި އަދި ނުވާއިރު, ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައިވުމުގެ ސަބަބުން ވަގުތީ ގޮތުން އެ އިދާރާ ހިންގެވުމާ ހަވާލުވެވަޑައިގެންފައި ވަނީ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އަސްމާ ޝަފީއުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ.
އެ މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ ވިހި އަދި އެކާވީސް ވަނަ ދުވަހު ހެނދުނު އަށްގަޑި ސުންމިނެޓުން މެންދުރު ބާރަގަޑި ސުންމިނެޓަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެ މަގާމަށް ކުރިމަތިލެއްވުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.






Comments