top of page

އަހަރެމެން މިތިބީ ހަނގުރާމައިގެ ތެރޭގައި: ހިޒްބުﷲ



ree

ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން މަސައްކަތް ކުރަނީ، އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު މިހާރު ފެށިފައިވާ ހަނގުރާމައިގެ ތެރެއަށް ވަންނަން ކަމަށް އިޒްރޭލުން ތުހުމަތުކުރުމާ އެކު، މިހާރު ވެސް މިތިބީ ހަނގުރާމައަށް ވަދެ ކަމަށް ހިޒްބުﷲ އިން ބުނެފި އެވެ.

އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް އީރާންގެ މަދަދާ އެކު ހަނގުރާމަކުރާ ހިޒްބުﷲ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު ނައީމް ގާސިމް ވިދާޅުވީ ހަމާސް-އިޒްރޭލު ހަނގުރާމައިގެ ތެރެއަށް، އެޖަމާއަތް އިތުރަށް ވަންނަން ނުޖެހޭ ކަމަށެވެ. މިހާރު މިތިބީ ފިސާރި ރަނގަޅަށް ހަނގުރާމައިގެ ތެރެއަށް ވަދެ ކަމަށާއި، ފެނުނު ކޮންމެ ތަނަކުން އިޒްރޭލަށް ހަމަލާ ދިނުމަށް ހިޒްބުﷲ ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމާސް އާއި އިޒްރޭލާ ދެމެދު މި މަހުގެ 7 ވަނަ ދުވަހު ހަނގުރާމަ ފެށުމާ އެކު، ހިޒްބުﷲގެ ހަނގުރާމަވެރިން ވަނީ ލުބްނާންގެ ދެކުނު ސަރަހައްދުގެ ތެރެއިން އިޒްރޭލުގެ އުތުރު ސަރަހައްދަށް ހަމަލާ ދޭން ފަށައިފަ އެވެ. އެ ގޮތުން އިޒްރޭލުން ހިފާފައިވާ ލުބްނާންގެ ބިމެއް ކަމަށްވާ ޝިބްއާގެ ދަނޑުބިންތަކުގައި ތިބި އިޒްރޭލު ސިފައިންނަށް، ހިޒްބުﷲ އިން އަންނަނީ ހަމަލާތައް ދެމުންނެވެ.

އޭގެ ރައްދުގައި އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން ދަނީ، ލުބްނާންގެ ދެކުނުގައި ހިޒްބުﷲގެ ހަނގުރާމަވެރިން ތިބޭ ސަރަހައްދުތަކަށް ވެސް ހަމަލާ ދެމުންނެވެ. އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު އިއްޔެ ވިދާޅުވީ ހިޒްބުﷲ އިން ހަނގުރާމައިގެ ތެރެއަށް ވަންނަން މަސައްކަތް ކުރާ ކަމަށާއި، އެ ޖަމާއަތަށް ވަރުގަދަ ފިލާވަޅެއް އިޒްރޭލުން ދޭނެ ކަމަށެވެ.

ނައީމް ގާސިމް ވިދާޅުވީ އިޒްރޭލު ސިފައިން ގާޒާ އަށް ވަދެގެންފި ނަމަ، އަންދާޒާ ވެސް ނުކުރެވޭ ވަރުގެ ބޮޑު ނުރައްކަލަކާ އިޒްރޭލު ސިފައިން ކުރިމަތިލާންޖެހޭނެ ކަމަށެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page