އައިޖީއެމްއެޗްގެ ކުރީގެ 3 އިސްވެރިންގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާ އުފުލަން އޭސީސީން ނިންމައިފި
- Ministry Badhige
- Aug 20, 2024
- 1 min read

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ކުރީގެ ތިން އިސްވެރިއެއްގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާ އުފުލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ދަޢުވާ އުފުލަން ހުށަހަޅާފައިވަނީ އައިޖީއެމްއެޗްގެ ކުރީގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއަރ ޑރ. އަލީ އަބްދުﷲ ލަތީފް، ކުރީގެ ސީއީއޯ އިބްރާހީމް ސަލީމް، އަދި ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލްމުހްސިންގެ މައްޗަށެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި، މި ތިން ފަރާތުގެ މައްޗަށް ދަޢުވާ އުފުލަން ހުށަހަޅާފައިވަނީ ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓް ހެދުމަށް ބޭނުންކުރި "ރީއެޖެންޓްސް" އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތަކަށް ދީ، ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލައިގައެވެ.
މި މައްސަލައިގައި ދަޢުވާ އުފުލަން ހުށަހަޅާފައިވަނީ ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަށުންނެވެ.
އޭސީސީން އިތުރަށް ފާހަގަކޮށްފައިވަނީ، ޑރ. އަލީ އަބްދުﷲ ލަތީފް އަދި އޭނާގެ މަސްލަހަތު އޮންނަ ކުންފުންޏަކުން މަނީ ލޯންޑަރިންގ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަޙްޤީޤު ކުރުމަށް ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ. އަދި ޑރ. ލަތީފް ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަޙްޤީޤު ކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ފޮނުވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، ޑރ. ލަތީފް އަދި ޑރ. މިލްޒާއާ ގުޅޭގޮތުން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް، އެ ދެ ފަރާތާމެދު ފިޔަވަޅު އަޅަންޖެހޭނަމަ އެޅުމަށް އެދިފައިވާ ކަމަށްވެސް އޭސީސީން މަޢުލޫމާތު ދީފައިވެއެވެ.






Comments