އެސްއީޒެޑް އިސްލާހުން ދައުލަތަށް ބޮޑު އާމްދަނީއެއް ގެއްލޭނެ: ފައްޔާޒް
- Ministry Badhige
- Oct 22
- 1 min read

ސަރުކާރުން ހުށަހަޅާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން ދައުލަތަށް ލިބެން އޮތް ބޮޑު އާމްދަނީއެއް ގެއްލިގެންދާނެ ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި، މި އިސްލާހަކީ ހަމައެކަނި ދައުލަތުގެ އާމްދަނީއަށް ގެއްލުންދޭ ކަމެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެކެވެ.
"ސަސްޓެއިނެބަލް ޓައުންޝިޕް" ގެ ނަމުގައި އެސްއީޒެޑް ސަރަހައްދުތައް ތަރައްގީކުރުމަށް މަގުފަހިކުރާ މި ބިލުގައި، އެފަދަ ސަރަހައްދުތަކުން ވިއްކާ ވިލާ ނުވަތަ ކޮޓަރިތަކުން ނަގާ ޕްރޮޕަޓީ ޓްރާންސްފާ ޓެކްސް ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައެވެ. އެގޮތުން، ފުރަތަމަ ފަހަރު ވިއްކާއިރު ޓެކްސްގެ ގޮތުގައި ދައްކަންޖެހެނީ އެންމެ އެއް ޕަސަންޓެވެ. އަދި އެފަދަ ތަންތަނުގައި ހިންގާ ވިޔަފާރިތަކުން ފުރަތަމަ 10 އަހަރު ދައްކަންޖެހެނީ އެންމެ ފަސް ޕަސަންޓުގެ ޓެކުހެކެވެ. ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ބޮޑެތި ލުއިތަކެއް ދިނުމަކީ ވަކި ޕްރޮޖެކްޓަކަށް ބޭއިންސާފުން ފައިދާ ހޯދައިދިނުން ކަމަށާއި، މިއީ ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، ރާއްޖޭގައި ޓޫރިޒަމް ތަރައްގީކުރުމަށް އިންވެސްޓަރުން ހޯދުމަށް މިފަދަ ޓެކްސް ލުއިތަކެއް ދޭން ނުޖެހޭ ކަމަށެވެ. އަދި މުޅި ސިނާއަތަށް ފައިދާވާނެ ގޮތްތައް ހެދުމުގެ ބަދަލުގައި، ވަކި މަޝްރޫއުތަކަކަށް އަމާޒުކޮށްގެން މިފަދަ އިސްލާހެއް ގެނައުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ބިލުގެ ބަހުސްގައި އެމްޑީޕީގެ ގިނަ މެންބަރުން ވެސް ވަނީ މިއީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ގެނެސްފައިވާ އިސްލާހެއް ކަމަށް ތުހުމަތުކޮށް، ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.






Comments