އާ ޕޭ ފްރޭމްވޯކަކީ މުވައްޒަފުންގެ މާލީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ލިބުނު ކުރިއެރުމެއް: ސުނީތާ
- ބްރަސްތާ
- Nov 13
- 1 min read

ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި އާ ޕޭ ފްރޭމްވޯކަކީ މުވައްޒަފުންގެ މާލީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެންސްޕާގެ ޑިރެކްޓާ ޖެނެރަލް ސުނީތާ އަބްދުالله ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މިއީ ސިވިލް ސާވަންޓުންގެ ހިދުމަތުގެ އަގު ވަޒަންކޮށް، އެމީހުންގެ ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށެވެ.
ސުނީތާ ފާހަގަކުރެއްވި ގޮތުގައި، ސިވިލް ސާވިސްގެ ޕޭ ފްރޭމްވޯކަށް ގެނެވުނު ބަދަލަކީ ތާރީހީ އަދި އިންގިލާބީ ބަދަލެކެވެ. މި އޮނިގަނޑު ފަރުމާކޮށްފައިވަނީ ޒަމާނާއި އިގްތިސާދަށް އަންނަ ބަދަލުތަކަށް ރިއާޔަތްކުރުމަށްފަހު، މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާގެ މައްޗަށް ބިނާކޮށްގެންނެވެ. މި ބޮޑު މަސައްކަތް އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ކަމަށާއި، މިހާރުވެސް ގިނަ އަދަދެއްގެ މުވައްޒަފުން މުރާޖައާ ކުރެވިފައިވާ މެޓްރިކްސްތަކަށް ބަދަލުކުރެވިފައިވާތީ އެކަމާ އުފާކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދައުލަތުގެ ހިދުމަތްތައް ހަރުދަނާކޮށް ޒަމާނީ ކުރުމަށް "ދިވެހިރާއްޖެ 2.0" ގެ ދަށުން ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ސުނީތާ ފާހަގަކުރެއްވިއެވެ. އޭނާ ވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސިވިލް ސާވަންޓުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސިވިލް ސާވަންޓުންގެ ކުރިއެރުމަށާއި ގައުމުގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ހާއްސަ ޝުކުރެއް ދެންނެވިއެވެ.






Comments