top of page

މާހައުލީ ނިޒާމުގައި މިޔަރުގެ ދައުރު

ree

ކަނޑުފަޅުގެ މާހައުލީ ނިޒާމުތައް ދުޅަހެޔޮކޮށް ދެމެހެއްޓުމުގައި މިޔަރުގެ ދައުރު އިންތިހާއަށް މުހިންމުވާއިރު، މަސްވެރިކަމުގެ ދާއިރާއަށް ވެސް މިޔަރުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ކުރާކަން ސައިންޓިފިކް ދިރާސާތަކުން ދައްކައެވެ. މިގޮތުން މިޔަރުގެ ބާވަތް ތަކަކީ ފަރުތަކާއި މަސްމަހާމެހީގެ އާބާދީ ދުޅަހެޔޮކޮށް ބެލެހެއްޓުމުގައި އެންމެ މުހިންމު އެއް ދައުރު އަދާކުރާ އެއް ދިރުމެވެ.


މިޔަރުގެ މުހިންމު ދައުރު

އިންސާނާގެ ހަށިގަނޑުގައި ލޭ ދައުރުކުރާ ފަދައިން، ކަނޑުއޮޅި ތަކާއި އަތޮޅުތަކިގެ މެދުގައި ނިއުޓްރިއެންޓް އުފުލައިދިނުމުގައި މިޔަރުގެ ދައުރު ވަރަށް މުހިންމެވެ. ޚާއްޞަކޮށް ތިލަމިޔަރު އަދި ކައްޓަފުޅި މިޔަރު ފުން ކަނޑާއި ތިލަ ސަރަހައްދުތަކުގެ މެދުގައި ނިއުޓްރިއެންޓް އުފުލައިދިނުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ. 2017 ވަނަ އަހަރު ކަރްނިކް އާއި އެހެނިހެން ތަޖުރިބާކާރުން ކުރި ދިރާސާއިން ދައްކާގޮތުގައި ފަރުމިޔަރުގެ އާބާދީއާއި ފަރުގެ ދުޅަހެޔޮކަމާ ދެމެދު ވަރަށް ވަރުގަދަ ގުޅުމެއް ވެއެވެ.


މާހައުލީ ނިޒާމާއި އޮތްގުޅުން

މިޔަރަކީ "ކީސްޓޯން ސްޕީޝީޒް" ނުވަތަ މާހައުލީ ނިޒާމުގެ މައި ތަނބު ރޮލް އަދާކުރާ މުހިންމު ދިރުމެކެވެ. މިޔަރުގެ އަދަދު މަދުނަމަވެސް، މާހައުލީ ނިޒާމަށް އޭގެ ސަބަނުން ކުރާ ފައިދާ ވަރަށް ބޮޑެވެ. ތުންހިމަ މިޔަރު އަދި ތިލަ މިޔަރުގެ ސަބަބުން ފަރުތަކާއި ތިލަތަކުގައި އުޅޭ މަސްމަހާމެހީގެ އާބާދީތައް އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓިފައި ހުރެއެވެ. މިޔަރު ނެތް ހާލަތެއްގައި މެދުފަންތީގެ ޝިކާރަވެރި މަސްތައް ގިނަވެ، ކުދި މަސްތަކުގެ އާބާދީއަށް ނޭދެވޭ އަސަރުކުރެއެވެ.


އިޤްތިޞާދީ މަންފާ

މިޔަރުގެ ސަބަބުން ލިބޭ އިޤްތިޞާދީ މަންފާ ވަރަށް ބޮޑެވެ. ބަހާމާސްގައި މިޔަރު ބެލުމަށް އަންނަ ފަތުރުވެރިންގެ ސަބަބުން އަހަރަކު 114 މިލިއަން ޑޮލަރު ލިބޭއިރު، ރާއްޖޭގައި މިޔަރު ބެލުމަށް އަންނަ ފަތުރުވެރިންގެ ސަބަބުން ސީދާ 14.4 މިލިއަން ޑޮލަރު އަދި ޖުމްލަ 51.4 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭކަމަށް 2018 ވަނަ އަހަރު ވަނީ ރިޕޯޓް ކޮއްފައެވެ. އަދި ފްރިޝް އަދި ރިޒާރީ (2019) ގެ ދިރާސާއިން ދައްކާގޮތުގައި މިޔަރުގެ އާބާދީ ދުޅަހެޔޮ ސަރަހައްދުތަކުގައި މަހުގެ ބަޔޯމާސް (ޖުމްލަ މަސްމަހާމެހީގެ ބަރުދަން) 40-50 އިންސައްތަ އިތުރުވެއެވެ.


މިޔަރު ހިމާޔަތްކުރުން

މިޔަރުގެ ގިނަ ބާވަތް ތަކަކީ ގިނަދުވަހުން ބޮޑުވާ އެހާމެ ގިނަ ދުވަހުން އާލާވާ ދިރުމެކެވެ. ތިލަ މިޔަރެއް ބޮޑުވާން 7 އަހަރު ނަގާއިރު 2 އަހަރުން އެއްއަހަރު ވިހަނީ ފަހަރަކު 3-4 މިޔަރެވެ. މިހެންކަމުން މިޔަރުގެ އާބާދީ ރިކަވާވާން އެހެން މަސްމަހާ ހިލާފަށް ގިނައަހަރުތަކެއް ނަގައެވެ.

2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މިޔަރު މަސްވެރިކަން މަނާކޮށް، މިޔަރުގެ އާބާދީ މޮނިޓަރކުރެވެމުންދެއެވެ. މިޔަރު ހިމާޔަތްކުރުމަކީ މާހައުލީ ނިޒާމާއި އިޤްތިޞާދީ ގޮތުން ވެސް މުހިންމު ކަމެއްކަން ދިރާސާތަކުން ދައްކައެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page