މުސާރަ ބޮޑުކުރުމުގެ ނަމުގައި އިމިގްރޭޝަންގެ ގިނަ އޮފިސަރުންގެ މުސާރައިން 9000 ރުފިޔާ އުނިކޮށްފި
- ބްރަސްތާ
- Nov 10
- 1 min read

ސަރުކާރުން އިމިގްރޭޝަންގެ މުސާރަތަކަށް ގެނައި ބަދަލާއެކު، އެ އިދާރާގެ ގިނަ އަދަދެއްގެ އޮފިސަރުންގެ މުސާރައިން 9000 ރުފިޔާއާ ހަމައަށް މަދުވެފައިވާ ކަމުގެ ޝަކުވާ ވަރަށް ބޮޑުވެއްޖެއެވެ. މުސާރަ ބޮޑުކުރި ކަމަށް ބުނި ނަމަވެސް، ގިނަ އޮފިސަރުންނަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މި އާ މުސާރައިގެ އޮނިގަނޑުގެ ފައިދާ ލިބިފައިވަނީ ހަމައެކަނި ސީނިއާ އިމިގްރޭޝަން އޮފިސަރުންނާއި އެއަށްވުރެ މަތީގެ މަގާމުތަކުގައި ތިބި މުވައްޒަފުންނަށެވެ. ނަމަވެސް، ފާއިތުވި 17 އަހަރުގެ ތެރޭގައި އެއްވެސް އޮފިސަރަކަށް ޕްރޮމޯޝަން ދީފައި ނުވާތީ، ގިނަ އަދަދެއްގެ މުވައްޒަފުން ތިބީ ދަށް މަގާމުތަކުގައި ކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން، މި ބަދަލުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ އެންމެ ބުރަކޮށް މަސައްކަތްކުރާ ގިނަ އޮފިސަރުންނަށެވެ.
މުސާރައިން ބޮޑު އަދަދެއް އުނިވުމުގެ އިތުރުން، މުވައްޒަފުންނަށް ލިބެމުން އައި ޓްރެވަލް އެލަވަންސް ވެސް ހުއްޓާލާނެ ކަމަށް އަންގާފައި ވާތީ އޮފިސަރުންގެ ކަންބޮޑުވުން އިތުރަށް ވަނީ ބޮޑުވެފައެވެ. މުސާރަ ބޮޑުކުރާނެ ކަމަށް އުންމީދުކޮށްގެން ތިއްބައި މިފަދަ ބޮޑު ގެއްލުމެއް ލިބުމުން ގިނަ އޮފިސަރުން ދަނީ އެމީހުންގެ ނުރުހުން ސޯޝަލް މީޑިއާގައި ފާޅުކުރަމުންނެވެ.






Comments