މަސްވެރިންގެ ދުވަހުގެ މުބާރާތުން އެއްވަނައަށް 15،000 ރުފިޔާ
- ބްރަސްތާ
- Nov 12
- 1 min read

މި އަހަރުގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ފިޝަރީޒް މިނިސްޓްރީން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖައްސައިފި އެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ.
މި މުބާރާތް އަމާޒުކޮށްފައިވަނީ ހާއްސަކޮށް ރ. އަތޮޅުގެ ރަށްތަކަށެވެ. މުބާރާތް ކުރިއަށްދާނީ އަންނަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ރ. ދުވާފަރުގަ އެވެ. ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ކުރިން ނަން ނޯޓުކުރަން ޖެހޭނެ އެވެ.
މި މުބާރާތުގެ އެއްވަނައަށް 15،000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައިވާއިރު، ދެވަނަ އަށް ދާ ފަރާތަކަށް 10،000 ރުފިޔާ އަދި ތިންވަނަ އަށް ދާ ފަރާތަކަށް 7،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ އެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހަކީ ރާއްޖޭގެ އިގްތިސާދަށް މަސްވެރިން ކޮށްދޭ އަގުހުރި ހިދުމަތްތައް ފާހަގަކޮށް، އެ މީހުންނަށް ހިތްވަރު ދިނުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެކެވެ.






Comments