top of page

މަޖީދިއްޔާ ސްކޫލުގައި އިތުރު 40 ކްލާސްރޫމް އަޅަން ނިންމައިފި - ބައެއް ކްލާސްތަކަކީ ސްމާޓް ކްލާސްތައް


ree

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރާ ސްމާޓް ކްލާސްތައް މަޖީދިއްޔާ ސްކޫލުގައި ޤާއިމުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ މިރޭ ބޭއްވުނު މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިއަންނަ އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސްކޫލް މަޝްރޫޢުތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލުގެ އިތުރު 40 ކްލާސްރޫމްގެ އިމާރާތެއް ކުރިން ދަރުމަވަންތަ ސްކޫލް ހުރި ތަނުގައި އެޅުމަށް ހަމަޖެހިފައިވެއެވެ. މި ކްލާސްތަކުގެ ތެރެއިން ބައެއް ކްލާސްތަކަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރާ ސްމާޓް ކްލާސްތަކެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވީ މަޖީދިއްޔާ ސްކޫލުގެ އިސްދަރިވަރުންގެ ފަޚުރެއްކަމުގައިވާ ދާރުލް އުލޫމާ ކުރިބޯށި ނެޝަނަލް އެޑިއުކޭޝަން މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް ރާއްޖޭގެ ތާރީޚީ ތަޢުލީމީ ހަޔާތުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ ތަޢުލީމީ ހަޔާތުގެ މުހިންމުކަމާއި، ކާމިޔާބީއާ ހަމައަށް ދިއުމަށް ހިންމަތާއެކު މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ދަރިވަރުންނަށް ޤައުމަށް ޚިދުމަތްކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖީދިއްޔާ ސްކޫލުގެ ދާރުލް އުލޫމް ހޯލުގައި ކުރިއަށްދާ ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ. މަޖީދިއްޔާ ސްކޫލަކީ ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ ތައުލީމީ ބިނާ ކަމަށްވާއިރު، "ސައްތަވީ ބިނާ" ރަމްޒުކޮށްދެނީ މަޖީދިއްޔާ ސްކޫލްގެ ޢިލްމީ ހިޔާވައްސެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page