ޑީސީޕީ ފަރުހާދު، ދަރިފުޅުގެ ރޭޕް މައްސަލައެއްގެ ހެކި ނައްތާލި ކަމުގެ ތުހުމަތު
- ބްރަސްތާ
- Nov 9
- 1 min read

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) ފަރުހާދު ފިކުރީއަށް، އޭނާގެ ދަރިފުޅާ ގުޅުންހުރި ރޭޕްގެ ސީރިއަސް މައްސަލައެއްގެ ހެކިތައް ނައްތާލި ކަމުގެ ތުހުމަތުތަކެއް ފުލުހުންގެ ތެރެއިން އަމާޒުވެއްޖެ އެވެ. ފުލުހުންގެ 11 އޮފިސަރަކު ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި ސިޓީއެއްގައި ބުނެފައިވާ ގޮތުން، ފަރުހާދު ވަނީ އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދަރިފުޅު ހިންގިކަމަށް ތުހުމަތުކުރެވޭ ޖިނާއީ ކުށެއްގެ ތަހުގީގަށް ހުރަސް އަޅައިފަ އެވެ.
ވިސުލްބްލޯވަރުންގެ ގޮތުގައި ހުށަހެޅި މި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުން، 2018 ވަނަ އަހަރު ފަރުހާދުގެ ދަރިފުޅު، 18 އަހަރުން ދަށުގެ ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވުނު މައްސަލައިގެ ތަހުގީގަށް ހިފެހެއްޓި ފޯނެއްގައި ހުރި މުހިންމު ހެކިތަކެއް ކަމަށްވާ ވީޑިއޯއާއި ފޮޓޯތައް ފަރުހާދު ވަނީ ނައްތާލާފަ އެވެ. މި މައްސަލަ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، ހެކިތައް ނެތިކޮށްލާފައިވާކަން ފާހަގަކޮށް، އެކަމުގައި ފަރުހާދުގެ ބައިވެރިވުން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ޕީޖީ އޮފިހުން ފުލުހުންނަށް އެންގި ކަމަށްވެސް ސިޓީގައިވެ އެވެ. ނަމަވެސް އެ މައްސަލައިގައި ފަރުހާދާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާކަމަށް އޮފިސަރުން ބުނެފައިވެ އެވެ.
މި ސިޓީގައި ފަރުހާދުގެ މައްޗަށް އިތުރު ތުހުމަތުތަކެއްވެސް ކޮށްފައިވެ އެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި، ފަރުހާދުގެ ދަރިފުޅު މަސްތުގެ ހާލަތުގައި ހުރެ ޓްރެފިކް ގަވާއިދުތަކާ ހިލާފުވެ ފުލުހަކަށް ހަމަލާދިން މައްސަލައެއްވެސް އޭނާގެ ނުފޫޒުން ހުއްޓުވާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި ގަވާއިދާ ހިލާފަށް ދަރިފުޅުގެ ސައިކަލު ޓޯޔާޑުން ނެރެ، އެ މައްސަލަ ބެލި އޮފިސަރަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށްވެސް އެ ސިޓީގައި ފުލުސް އޮފިސަރުން ވަނީ ތުހުމަތުކޮށްފަ އެވެ.






Comments