ޕްރޮޖެކްޓުތައް ލަސްވަނީ ފައިސާ ހަމަޖައްސާފައިވާގޮތުން: ރައީސް
- Ministry Badhige
- Mar 30, 2024
- 1 min read
Updated: Jul 14, 2024

ސަރުކާރުން ފެށުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތައް ފެށުން ލަސްވަނީ އެ މަސައްކަތްތައް ފެށުމަށް ބަޖެޓުގައި ފައިސާ ހިމަނާފައިވަގޮތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކޮށް ރައްޔިތުންނާއި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެހެން ނަމަވެސް މިއަހަރު ތެރޭގައި އެ މަޝްރޫއުތައް ފެށޭނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 5 އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަން ބޭނުންވެފައިތިބި އެންމެނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަކީ އެމަނިކުފާނުގެ އަމާޒުކަމަށް ވިދާޅުވި. ހިނގަމުން މިދާ 5 އަހަރުގެ ތެރޭގައި ފަސްދޮޅަސް ފަސް ހާސް އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ޤާއިމްކުރެއްވުމަކީ އެމަނިކުފާނުގެ ވައުދެއްކަމަށެވެ.
އެމަނިކުފާނު ޤަބޫލުފުޅުކުރައްވާގޮތުގައި ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ލިބެން ޖެހޭކަމަށާއި، ބޯހިޔާވަހިކަމުގެ އަމާޒު ކަނޑައަޅުއްވާފައިވަނީ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުންކަމަށެވެ.
ރައީސް ވިދާޅުވީ، މިހާރު ހިނގަމުންދާ ހައުސިންގ މަޝްރޫޢުތައް އަވަހަށް ނިންމާ އެ ގޯތިތަކާއި ފްލެޓުތައް އަވަހަށް ހަވާލުކުރުމުގެ މަސައްކަތްކުރިއަށްދާކަމަށާއި، އެކަން ފުރިހަމަކުރައްވާނެކަމަށް. އެ މަސައްކަތް މިހާތަނަށް ލަސްވީ ފްލެޓްތަކާއި ގުޅޭ މައްސަލައެއް އޭސީސީން ބަލަމުން ދިއުމުންކަން ރައީސް ފާހަގަކުރި. އެމަނިކުފާނު ވިދާޅުވީ، ފްލެޓުތަކުގައި އެއްވެސް މައްސަލައެއް ނެތްނަމަ ވަގުތުން ވަގުތައް އެ ފްލެޓުތައް ހަވާލުކުރަން ބޭނުންފުޅުވާކަމަށެވެ.
ރައީސް ވިދާޅުވީ ބަޖެޓުގައި ފައިސާ ކަނޑައަޅަފައިވަނީ މަޝްރޫޢުތައް ނުފެށޭވަރަށްކަމަށެވެ. މިއީ އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން ގަސްތުގައި ކުރެއްވި ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާންމުކޮށް ކޮންމެ ބަޖެޓެއް ފާސްކުރާއިރުވެސް އަމަލުކުރާ އުސޫލަކީ ހިނގަމުންދާ މަޝްރޫޢުތައް ނިންމޭވަރަށް ބަޖެޓުގައި ފައިސާ ހިމެނުންކަމަށް. ނަމަވެސް މަޝްރޫޢުތައް ނިންމާ ވަރާ ގާތަށްވެސް މިއަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާދީފައި ނުވާކަމުގެ ކަންބޮޑުވުން ރައީސް ފާޅުކުރެއްވިއެވެ.
މިއީ އަންނަ އަހަރާ ހަމައަށް ލަސްކުރުމަށް މަޖުބޫރު ކުރުވާފައިވާކަމެއްގެ ގޮތުގައި ސިފަކުރައްވާ ރައީސް ވިދާޅުވީ، މިއީ ދުވަހަކުވެސް ދައުލަތުގެ ބަޖެޓު ފާސްކޮށްފައިވާ ގޮތެއްވެސް ނޫންކަމަށް. މިހާރު މަޝްރޫޢުތައް ހުއްޓިފައިވާކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތައް ދެއްކުމަށް ފަސޭހަވަނީވެސް އެކަމުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބަޖެޓުގައި ހިމަނާފައިވާ ހައުސިންގ މަޝްރޫއުތައް އެންމެ ލަސްވެގެން މިއަހަރުގެ ޖުލައި މަހުގެ ފަހުކޮޅުގައި ފަށްޓަވާނެކަމަށް. އެ މަޝްރޫއުތަކުގެ ތެރޭގައި ޗައިނާއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އިމާރާތްކުރާ ހައުސިންގ މަޝްރޫއުތަކާއި، އެގްޒިމް ބޭންކް ފައިސާއާއި އެނޫންވެސް އެކި ލުއި ލޯންތަކުންނާއި، ޑިވެލޮޕާ ފައިނޭންސް އުސޫލުންވެސް ގިނަ މަޝްރޫޢުތަކެއް ހިންގެވުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.






Comments